8.11.10

ނޮވެމްބަރު 3 ގެ ވާހަކަ ޑީއާރުޕީއިން ދައްކަން ފެށުމަކީ ނޭވާ ހޮޅިއަށް އެޅުން: ޑރ. ޝަހީދު


1988 ގެ ނޮވެމްބަރު 3 ގެ ވާހަކަ ޑީއާރުޕީ އިން ދައްކަން ފެށުމަކީ ޑީއާރުޕީ ނޭވާ ހޮޅިއަށް އެޅުން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
މިއަދުނޫހަށް ދެއްވި ޚާއްޞަ އިންޓަރވިޔުއެއްގައި ޑރ. ޝަހީދު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވެ ޚިޔާނާތްތެރިވާ މީހުން އަދި އެފަދަ ފަރާތްތަކުން އަޑުއުފުލައި ރައްޔިތުންގެ ހައްޤާއި އަނިޔާގެ ވާހަކަ ދުނިޔޭގައި އަބަދުވެސް ދައްކަނީ ނޭވާ ހޮޅިއަށް އެޅުމުން ދެން ހަދާނެގޮތް ހުސްވުމުން ކަމަށެވެ.
މިކަމުގެ ހެކި މީގެ ކުރިން ރާއްޖެއިން ފެނި ތަޖުރިބާ ކުރެވިފައިވާކަން ހާމަކުރައްވަމުން ޑރ. ޝަޙީދު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފަހުވަގުތު، ޤައުމީ ސަލާމަތަށްޓަކައި ރައްކާކުރެވިފައިހުރި ވީޑިއޯތައް ޓީވީ މޯލްޑިވްސް އިން ދެއްކުވީ ވެސް ނޭވާހޮޅިއަށް އެޅި ގޮތް ހުސްވުމުން އެކަމުންވެސް ރައްޔިތުންގެ ޚިޔާލާއި ފިކުރު ބަދަލު ކުރުވޭތޯ ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ މޫސާ ޖަލީލަށް ރައީސުލްޖުމްހުރިއްޔާ ޚިދުމަތުގެ “ރަން ކުލަ” ދެއްވުމުން މުސާ ޖަލީލާ ގުޅުއްވައި އެކަމަށްޓަކައި މަރުހަބާ ވިދާޅުވެފައިވާނެ ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ ” އަޅުގަނޑު ޤަބޫލުކުރާގޮތުގައި ނޮވެމްބަރު 3 ގެ ހާދިސާ ކުރިމަތިވުމުން ސިފައިން ވަނީ އެމީހުންގެ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްފައި. ޚާއްޞަކޮށް މުސާ ޖަލީލުމެން ފަދަ ބޭކަލުން ވަނީ ވަރަށް މަތިވެރި ޖިހާދެއް ކުރައްވާފައި” ކަމަށެވެ.
އަދި ޤައުމުގެ އެންމެ އަގުހުރި ދަރިއަކީ ޝަހީދު ހުސައިން އާދަމް ކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޑރ. ޝަޙީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ނޮވެމްބަރު 3 ގެ ހާދިސާއަކީ ފަހުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމަ ކަޅުކަން ގަދަ ހާދިސާ ކަމަށެވެ. އެކަމުގެ ސަބަބުން ކުރިމަތިވި ހިތާމަތައް ކުރިމަތިވީ ވަކި މީހަކަށް ނޫންކަމަށާ އެއީ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ކުރިމަތިވި ހިތާމައެއް ކަމަށެވެ.
” އެފަދަ ބޮޑު ހާދިސާއެއް ހިނގައި ދިއުމުން އޭރު ވެރިކަމުގައި ތިބި މީހުން އެކަމުގެ ހަޤީޤަތް ހޯދައި ހާމަނުކޮށް ތިބެފައި މިއަދު އެކަމުގެ ވާހަކަތައް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. ކުރިއަށް މައުލުމާތު ލިބި އޮއްވައިމެ އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅައި އޭރުގެ ސަރުކާރުން ތިބުން އެއީވެސް އެހައިމެ ޒިންމާދާރުކަން ކުޑަކަމެއް. އެކަމުން އެނގެނީ އޭރުގެ ސަރުކާރުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަން” ކަމަށްވެސް ޑރ. ޝަހިދު ވިދާޅުވިއެވެ.
ޑރ. ޝަހިދު ވިދާޅުވީ ނޮވެމްބަރު 3 ގައި ކުރިމަތިވި އުދުވާނަކީ އޭރުގެ ސަރުކާރުން ޒިންމާދާރު ކަމާއެކު ހުއްޓުވަން މަސައްކަތްކުރިނަމަ ހުއްޓުވައި އެކަމުން ޤައުމު ސަލާމަތް ކުރެވެން އޮތް މައްސަލައެއް ކަމަށެވެ. އަދި ޤައުމީ ސަލާމަތާ ބެހޭ ކަންކަމުން “ސިޔާސީ ފުޓުބޯޅަ ކުޅެން ހެޔޮ ނުވާނެ” ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

No comments:

Post a Comment