8.11.10

އައްޑު އަތޮޅަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ދައުވާ ކޮށްފި


އައްޑު އަތޮޅަށް ސިޓީ ދަރަޖަ ދީގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ދައުވާކޮށްފި އެވެ.
އަމިއްލަ ހައިސިއްޔަތުން މި ދައުވާ ކުރެއްވެވީ ގައުމީ ޕާޓީ ޑިޕިއުޓީ ލީޑަރު އިމާދު ސޯލިހެވެ.
އޭނާ ވިދާޅުވީ މި ދައުވާ މަދަނީ ކޯޓަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޭނާ އާއި އިތުރު ފަރާތެއް ގުޅިގެން ފަރުދީ ގޮތުން ކޮށްފައިވާ ދައުވާ އަކީ އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ދައުވާ އެއް ކަމަށާއި ދައުވާގައި އެދިފައި ވާނީ ސިޓީއެއްގެ ދަރަޖަ ދީގެން އިންތިހާބު ބާއްވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކަމަށެވެ.
"ދައުވާގައި މައިގަނޑު ތިން ގާނޫނީ ނުކުތާއެއް ހިމަނާފައިވާނެ. ސިޓީގެ ދަރަޖަ ދެވޭ ގޮތް ގާނޫނުގައި ކަނޑައަޅައިދީފައިވާ ގޮތާ ހިލާފަށް އައްޑު އަތޮޅަށް ސިޓީގެ ދަރަޖަ ދީގެން އިންތިހާބު މި ބާއްވާތީ. އެހެންވީމާ އަޅުގަނޑުމެން މި ދައުވާ ކުރީ. މައިގަނޑު ދައުވާއަކީ ދައުލަތުގެ މައްޗަށް ކުރާ ދައުވާއެއް އެހެންނަމަވެސް ދައުވާ ކޮށްފައިވާނީ އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް،" އިމާދު ވިދާޅުވި އެވެ.
އިމާދު މަދަނީ ކޯޓަށް ދައުވާ ހުށަހެޅި ކަމުގައި ވިޔަސް އެ ދައުވާގެ ފޯމަށް މަދަނީ ކޯޓުން އަދި ޖަވާބު ދީފައެއް ނުވެއެވެ.

No comments:

Post a Comment