ރާއްޖޭގައި މިހާތަނަށް ބޭއްވިފައިވާ ކައިވެނީގެ ހަފްލާތަކަށް ބަލާއިރު އެންމެ ބޮޑު ކައިވެނީގެ ހަފްލާ މިރޭ ދަރުބާރުގޭގައި ބޭއްވޭނެއެވެ. މިހަފްލާއަށްޓަކައި މުޅި ދަރުބާރުގެ އެކުގައި ބޭނުންކުރެވޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކައިވެންޏަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެއް ބޭފުޅެއްކަމަށްވާ އަޙްމަދު ޝިޔާމް (ސަންޓްރެވަލް ޝިޔާމް) އާއި ނާޒިޔާ މިރުޒާގެ ކައިވެންޏެވެ.
ނާޒިޔާ މިރުޒާ އަކީ މާލޭގެ ޤަދަރުވެރި ޢާއިލާއަކަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭކަނބަލެކެވެ. އަލްމަރްހޫމް ޙުސައިން މުސާ އާއި ޢުމްނިއްޔާ ނަޞީރުގެ ދަރިކަނބަލުން ފާޠިމަތު ޙުސައިން ދީދީގެ ދަރިކަނބަލުންނެވެ.
ޝިޔާމް އަކީ ވަރަށް އާދައިގެ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގާ މަސައްކަތް ފެށްޓެވި ބޭފުޅެއް ނަމަވެސް މިއަދު ޝިޔާމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑަށް އިންވެސްޓްކުރައްވައިގެން ތިއްބެވި އިންވެސްޓަރުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ އިތުރުން ސަން އެފްއެމް، ސަންއެފްއެމް އޮންލައިން އަކީ ވެސް ޝިޔާމް ހިންގަވާ ޚިދުމަތްތަކެވެ.
ވިޔަފާރީގެ ޚިދުމަތުގެ އިތުރުން ޝިޔާމަކީ ރައްޔިތުންގެ މަޖިލީހުގައިވެސް މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުރީ ދައުރުގައި ދ އަތޮޅުގެ މެންބަރުކަން ކުރެއްވުމަށްފަހު މިހާރު ޝިޔާމް އަކީ މީދޫ (ދ) ދާއިރާގެ މެންބަރެވެ.
ޝިޔާމް އަކީ އަބަދުވެސް ރައްޔިތުންގެ ތަރައްޤީއަށް އިސްނަންގަވައި އެހީތެރިވެދެއްވުމުގެ އިތުރުން ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ޑީއާރުޕީގެ ފުރަތަމަ ކޮންގްރެސްގައި ވަރަށް ވަރުގަދަ ސިޔާސީ އަދި މުއްސަނދި ވިޔަފާރިވެރިންނާއި ވާދަކުރައްވައިގެން ނާއިބުލީޑަރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެން އެޕާޓީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ޝިޔާމް ވަނީ ޕާޓީ ލައިން ދޫކުރައްވައި ސިޔާސީ ގޮތުން މިނިވަންވެ ވަޑައިގެންފައެވެ.
No comments:
Post a Comment